އެމްޓީސީސީއިން މި އަހަރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ މުބާރާތަށް އަމާޒުކޮށްގެން ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކަށް އޮޅުވާލައިގެން ގެންދާ "ފިޝިން ސްކޭމް" އަށް ސަމާލުވުމަށް އެ ކުންފުނިން އަންގައިފިއެވެ.

އެމްޓީސީސީއިން އާއްމު ކުރި އިއުލާނެއްގައި ބަޔާންކުރި ގޮތުގައި އެ ކުންފުނީގެ ޔޫރޯ ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކަށް އޮޅުވާލައިގެން "ފިޝިން ސްކޭމް" އެއް ކުރިއަށް ގެންދާ ކަމަށް އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްޓީސީސީއިން އިލްތިމާސް ކުރީ, އެ ކުންފުނީގެ ޔޫރޯ ޕްރޮމޯގައި ބައިވެރިވި ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓާވާން ކަމަށް ބުނެ އެއް ވެސް ފަރާތަކުން މެސެޖެއް ނުވަތަ ލިންކެއް ފޮނުވައިފިނަމަ އެއަށް ނުފިއްތުމަށެވެ. މި ފަދަ ސްކޭމްއެއްގެ ޝިކާރައަކަށްވެ ޕާސްވޯޑު ނުދަންނަ ފަރާތަކަށް ދެވިފައިވާނަމަ އަވަހަށް ޕާސްވޯޑު ބަދަލު ކުރުމަށް ވެސް އެ ކުންފުނިން ވަނީ އިރުޝާދު ދީފައެވެ.

އޮންލައިން ސްކޭމްތައް ގިނަވެފައިވާ ދުވަސްކޮޅަކަށް ވާތީ, އިތުރު ރައްކާތެރިކަމަށް ޓަކައި އޯޓީޕީ އެއް ވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ޓޫ ފެކްޓާ އޯތެންޓިކޭޝަން އެކްޓިވޭޓް ކޮށްފައި ބެހެއްޓުމަށް އެ ކުންފުނިން ވަނީ ލަފާދީފައެވެ.