އިނގިރޭސި ޕްރިމިއަރ ލީގުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުން އައި ފޯވާޑް މައިކަލް އޮލީސޭ ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

އިތުބާރުހުރި ފުޓުބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ވަނީ އޮލީސޭ ބަޔާނަށް ސޮއިކުރި ކަން ޔަގީން ކޮށްދީފައެވެ. ފަބްރީޒިއޯ ހާމަކުރި ގޮތުގައި އޮލީސޭ ބަޔާނަށް ސޮއި ކުރީ 5 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޮލީސޭގެ ސޮއި ޔަގީން ކުރަން ބަޔާނުން ވަނީ ކްރިސްޓަލް ޕެލަސްއަށް 50 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއްގެ ފީ އެއް ދައްކާފައެވެ.

ބަޔާނަށް ސޮއި ކުރުމާ ބެހޭ ގޮތުން ވާހަކަދައްކަމުން އޮލީސޭ ބުނި ގޮތުގައި ބަޔާން ކަހަލަ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ. ބަޔާން ކަހަލަ ބޮޑު ކްލަބެއްގައި އޭނާގެ ހުނަރުތައް ދުނިޔެއަށް ދައްކާލަން ބޭނުންވާ ކަމަށް އޮލީސޭ ވަނީ ބުނެފައެވެ.

ކްރިސްޓަލް ޕެލޭސްގައި މި ނިމިދިޔަ ސީޒަނުގައި އޮލީސޭ ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ޕެލޭސްގައި މި ދިޔަ ސީޒަނުގައި ލީގުގައި އެންމެ 19 މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. ބަޔާނުން އޮލީސޭގެ ސޮއި ހޯދާފައި މި ވަނީ ޔޫރަޕުގެ ބައެއް ބޮޑެތި ކްލަބްތަކަކުން އޭނާއަށް ފާރަލަމުން އަންނަ ދަނޑިވަޅެއްގައެވެ.