އެމެރިކާގެ ޗޭމްބާ އޮފް ކޮމާސްއިން މިއަދު ކުރިއަށްގެންދިޔަ އިންވެސްޓްމެންޓް ރައުންޑްޓޭބަލްގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށްފިއެވެ.
އެމެރިކާއިން އިންތިޒާމްކޮށްގެން ބޭއްވި މި ރައުންޑްޓޭބަލްގަައި ރާއްޖެ ތަމްސީލު ކުރީ, މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ކޯޕަރޭޓް ސެކްޓާގެ ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ރާއްޖެ އާއި އެމެރިކާގެ މެދުގައި ބޭއްވި މި ރައުންޑްޓޭބަލްގައި ދެ ގައުމުގެ މެދުގައި އޮންނަ ވިޔަފާރި އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމަކީ މިނިސްޓަރ ސައީދު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މިނިސްޓަރ ސައީދު ރަސްމީ ދަތުރުފުޅެއްގައި މި ވަގުތު އެމެރިކާގައި ހުންނެވިއިރު, އެމެރިކާގެ އެހެނިހެން އޭޖެންސީތަކާއި ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި ތަމްސީލު ކުރާ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ރޭވިފައެވެ.
މިނިސްޓަރ ސައީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ, ދާދި ފަހުން އެ ގައުމުގެ ސެނެޓާއެއް ކަމުގައިވާ ޖޯޝް ގޮތެއިމާ, އެމެރިކާއިން ރާއްޖެއަށް ވެދޭ އެހީތައް އެއްކޮށް ހުއްޓާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ވެދޭ އެހީތައް ހުއްޓުވުމަށް ގޮތެއިމާ މަސައްކަތް ކުރި ކަމުގައިވިއަސް, ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް ހީނަރުކަމެއް އައިސްފައެއް ނުވެއެވެ.