ދީނީ އިލްމުވެރިންނަށް އަމާޒުކޮށްގެން ބާއްވާ "އިލްމުވެރިންގެ މަހާސިންތާ" ގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މި މަހާސިންތާއަށް އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ މައުޟޫއަކީ "އިސްލާމީ ރިވެހި އަހުލާގާއި، އަހުލާގު ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު" މިއެވެ.

މި ކަމާގުޅިގެން އެ މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ މިފަދަ މަހާސިންތާތަކެއް ރާވާ ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ދީނީ ކަންކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކަނޑައެޅިފައިވާ ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދިކޮށް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށާއި އަދި މުޖުތަމައުއަށް ސައްހަ އަގީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުންކަމަށެވެ.

އަދި މި މަހާސިންތާގައި އޮންލައިންކޮންނާއި ސީދާ ހާޒިރުވެގެންވެސް ބައިވެރިވެވޭނެ ކަމަށާއި އެގޮތުން މިހާރު ވަނީ އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިލްމުވެރިންގެ މަހާސިންތާގެ އިތުރުންވެސް ދީނީކަންކަމާއި ގުޅުން ހުރި ދާއިރާތަކުން، މިއަހަރު އިތުރު މަހާސިންތާތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ތާވަލްކޮށްފައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތައް:

  • ޖަމްއިއްޔާ މަހާސިންތާ - ސެޕްޓެމްބަރ 4
  • އިމާމުންގެ މަހާސިންތާ - ސެޕްޓެމްބަރު 21
  • ޒަކާތު މަހާސިންތާ - އޮކްޓޯބަރު 26
  • ހައްޖާއި ޢުމްރާގެ މަހާސިންތާ - އޮކްޓޯބަރު
  • ފަތުވާ މަޖްލިސް މަހާސިންތާ - ނޮވެމްބަރު

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ އޮންނާނީ އަންނަ އޮގަސްޓް 24 ގައެވެ.