އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ ސިޔާސީ ތިން ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އީސީން ވަނީ މިކަން ހާމަކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މި ޕޯސްޓްގައި އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މި ތިން ޕާޓީވެސް ޖޫރިމަނާ ކޮށްފައިވަނީ 50،000 ރުފިޔާ އަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 44 ވަނަ މާއްދާއަށް ރިއާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކުރަން ނިންމި ތިން ސިޔާސީ ޕާޓީތަކަކީ

  1. ދަ ޑިމޮކްރެޓްސް
  2. މޯލްޑިވްސް ނޭޝަނަލް ޕާޓި (އެމްއެންޕީ)
  3. އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު އެއްފަހަރު، ޖެހިގެން އަންނަ އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، ކޮމިޝަނަށް ފޮނުވަންވަންޖެހެއެވެ.

ނަމަވެސް އެ ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، 20,000 (ވިހި ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު އީސީއަށް ލިބިގެންވެއެވެ.