މި އަންނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ 36 ވަނަ ގައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ގައުމީ އެއް ވާޖިބުކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދެވުމަށް ސަރުކާރުން ހާއްސަ ހޭދައެއްކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ހާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުންކަމުގައި ވިދާޅުވިއެވެ.

ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތްކަމުގައި ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް މަގުފަހިކޮށްދެއްވުމަށްވެސް މި ސަރުކާރުން ސަމާލުކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.