ތައިލެންޑުގެ އިމިގްރޭޝަން ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑު ސަރުކާރުން ހަމަޖައްސަވައިފިކަމަށް ރާއްޖޭގެ ޚަރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު އެއްބަސްވެފައިވާ އައު ވިސާ ޕޮލިސީގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށާއި، ޞިއްޙީ ފަރުވާއަށް އަދި ވިޔަފާރީގެ މަޤްޞަދުތަކަށް ތައިލެންޑަށް ޒިޔާރަތްކުރާ ދިވެހިންނަށް ވިސާއަކާ ނުލައި 60 (ފަސްދޮޅަސް) ދުވަހަށް އެ ޤައުމުގައި މަޑުކުރެވޭނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި 60 ދުވަހުގެ މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑުގެ އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުމުން، އިތުރު 30 (ތިރީސް) ދުވަހަށް މުއްދަތު އިތުރުކޮށްދެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ދަތުރު ފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދާ، ޒިޔާރަތްކުރާ ޤައުމުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރިއެވެ.