ސުވަރުގެއަކީ ﷲ އަށް އީމާންވެ ކިޔަމަންތެރިވެއުޅުން މީހުންގެ މަތިވެރިމަންޒިލެވެ. މުއުމިންތަކުން އެތަނަށް ވަންނަނީ އެބައިމީހުންގެ ހެޔޮޢަމަލުތަކުގެ ސަބަބުންނާއި ﷲގެ ރަޙްމަތާއި އޯގާވަންތަވެރިކަމުންނެވެ. ސުވަރުގެ ސިފަކުރެވިފައިވާ ވަރަށް ގިނަ އާޔަތްތައް ކީރިތި ޤުރުއާނުގައި އައިސްފައި ވެއެވެ. ސުވަރުގޭގެ ގަނޑުވަރުތަކާއި ބަގީޗާތަކުގެ ތެރެއިން ކޯރުތައް ހިނގަހިނގާ ހުންނާނެ ވާހަކައާއި، އެތާ އަހުލުވެރިންގެ އަތުގައި ރަނާއި މުތީގެ އުޅާތަކެއް ހުންނާނެ ވާހަކައާއި، އެ މީހުން ލައިގެން ތިބޭނީ ފަށުއި ހެދުން ކަމާއި، އަދި އެތާނގައި ރަހަ ތަފާތު ނުވާ ކިރު ކޯރުތަކާއި ބޯ މީހުންނަށް މީރު ރާގެ ކޯރުތަކާއި ސާފު މާމުއި ކޯރުތައް ހުންނާނެ ކަމާއި، އަދި އެތާ ރީތި ހޫރުލް ޢީނުން ތިބޭނެ ވާހަކަ، ޤުރުއާނުގައި އައިސްފައިވެއެވެ.
ދުނިޔޭގައިހުރެ ކުރާ ޢަމަލެއްގެ ސަބަބުން ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވޭނެ ކަމުގެ ޚަބަރަކީ ހަމަގައިމުވެސް ކޮންމެ މުސްލިމަކަށް ހިތަށް ފިނިކަން ގެނުވާނެ އުފާވެރިކަން ލިބޭނެ ޚަބަރެކެވެ. އެގޮތުން ރަސޫލާ صلى الله عليه وسلمަ ގެ ޙަދީޘްފުޅުތަކުގެ އަލީގައި މިބަލާލަނީ ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރުމަށްޓަކައި ކުރެވިދާނެ ބައެއް ޢަމަލުތަކަށެވެ.
1- މިސްކިތެއް ބިނާކުރުން
މިސްކިތް ބިނާކުރުމަށާއި، މިސްކިތުގެ މަރާމާތުތައް ކުރުމަށް މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމާއި އަދި މިކަމަށްޓަކައި މީސްތަކުންނަށް ހިތްވަރުދީ ބާރުއެޅުން މީގެ ތެރޭގައި ހިމެނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވައެވެ. من بنى لله مسجدا ولو كمفحص قطاة لبيضها ـ أي بقدر الموضع الذي يبيض فيه طائر القطاة ـ بنى الله له بيتا في الجنة
رواه أحمد وان حبان.
މާނައަކީ: “ދޫނި ބިސްއަޅާ ހާއްޔެއްގެ މިންވަރަށް ނަމަވެސް ﷲ އަށް ޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ތައްޔާރުކޮށް ދެއްވާނެއެވެ.”
2- އިޚްލާސް ސޫރަތްކިޔެވުން
عَنِ النَّبِىِّ صلى الله عليه وسلم قَالَ: ((مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” حَتَّى يَخْتِمَهَا عَشْرَ مَرَّاتٍ بَنَى اللَّهُ لَهُ قَصْرًا فِى الْجَنَّةِ)) [((سلسلة الأحاديث الصحيحة / 589]
މާނައީ: ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެވާނެއެވެ.”
3- ރަވާޠިބު ސުންނަތްތައް ކުރުމުގައި ދެމިހުރުން
ފަރުޟު ނަމާދާއި ގުޅިފައިވާ، ކުރުން ގަދަ ރަވާތިބު ސުންނަތް ތަކެއް ވެއެވެ. އެއީ މުޅިއެކު 12 ރަކްޢަތެވެ. އެއީ ފަތިސް ނަމާދުގެ ކުރީގައި ދެރަކުޢަތާއި މެންދުރު ނަމާދުގެ ކުރީ ހަތަރު ރަކްޢަތް، އަދި ފަހުން ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުން ދެ ރަކްޢަތް، ޢިޝާ ނަމާދު ފަހުން ދެރަކްޢަތެވެ.
ސުންނަތް މި ނަމާދުތަކުގެ މާތްކަން ބަޔާން ކޮށް ދެއްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ: أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ
މާނައަކީ: "ރަސޫލާގެ އަނބިކަނބަލުން އުއްމު ޙަބީބާ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم މިހެން ޙަދީޘް ކުރެއްވި އަޑު އެހީމެވެ. ޙަދީޘް ކުރެއްވިއެވެ. " ދުވާލާއި ރޭގަނޑު ބާރަ ރަކްޢަތް ކުރާ މީހަކަށް، ސުވަރުގޭގައި މާތްﷲ ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ".
{ނޯޓް: ލިޔުމުގެ އަސްލު ނެގިފައި ވަނީ ދިއިސްލާމް.ކޮމް އިންނެވެ}.