ބަންގްލަދޭޝްގެ ވަޒީފާގެ ކޯޓާ ނިޒާމާ ގުޅިގެން ދަރިވަރުން ކުރަމުންދާ މުޒާހަރާތައް އަނިޔާވެރި ޢަމަލުތަކަކަށް ބަދަލުވެ، ޤައުމު ފުޅާ ދާއިރާއެއްގައި ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

170 މިލިއަން މީހުން ދިރިއުޅޭ މި ޤައުމުގައި މުވާސަލާތީ ޚިދުމަތްތައް ކަނޑާލުމާ ގުޅިގެން، ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުން އެއްކޮށް ކެނޑިފައިވާ ދަނޑިވަޅެއްގައި، ދަރިވަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި މުޒާހަރާތަކުގައި އިމާރާތްތަކެއް ރޯކުރުމާއި ގުޅިގެން، ސަރުކާރުން ވަނީ ޑާކާގައި އާންމު އެއްވުންތައް މަނާކޮށްފައެވެ. ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ މި މުޒާހަރާތައް އިތުރަށް ގޯސްވެގެން ދިޔައީ، ބަންގްލަދޭޝް ޗަޓްރާ ލީގް (ބީސީއެލް) ގެ މެންބަރުން ދަރިވަރު އެކްޓިވިސްޓުންނަށް ހަމަލާދިނުމާ ގުޅިގެންނެވެ. ބީސީއެލް އަކީ ވެރިކަންކުރާ އަވާމީ ލީގް ޕާޓީގެ ދަރިވަރުންގެ ޖަމްޢިއްޔާއެވެ.

މި ހަފްތާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން މަދުވެގެން 19 މީހުން މަރުވެފައިވާކަމަށް ބުނަމުންއަންނައިރު، އަދަދު މިއަށްވުރެ މާ ގިނަކަމަށް ބައެއް ރިޕޯޓުތަކުން ދައްކައެވެ.

ހުކުރު ދުވަހު، މުވާސަލާތީ ޚިދުމަތްތައް ބްލެކްއައުޓްކޮށްލާފައި ވީނަމަވެސް، މުޒާހަރާތައް އައު ސިފަތަކުގައި ކުރިއަށް ދިޔައެވެ. މީގެ ތެރޭގައި ސަރުކާރުގެ ވެބްސައިޓްތަކަށް ހެކިން ހަމަލާދިނުން ހިމެނެއެވެ. ހާއްޞަކޮށް ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑުވަޒީރުގެ އޮފީހުގެ ވެބްސައިޓްގައި "ދަރިވަރުން މެރުން ހުއްޓާލާ" މިފަދައިން ލިޔެފައިވާ މެސެޖެއް ފެންނަން ހުއްޓެވެ. މީގެ އިތުރުން "މިއީ މުޒާހަރާއެއް ނޫން. މިހާރު މިއީ ހަނގުރާމައެއް" މިފަދައިން ވެސް މެސެޖެއް އިނެވެ.

މި ހަމަނުޖެހުން ފެށިފައިވަނީ ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ދެބައިކުޅައެއްބައި ވަކި ގްރޫޕްތަކަކަށް، އޭގެ ތެރޭގައި 1971 ގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ ދަރިންނަށް ކަނޑައަޅާފައިވާ ކޯޓާ ނިޒާމަކާ ގުޅިގެންނެވެ. ދަރިވަރުން ބުނާ ގޮތުގައި މި ނިޒާމުގެ ސަބަބުން ވެރިކަންކުރާ ޕާޓީއާ ގުޅުންހުރި މީހުންނަށް ނިސްބަތުން ބޮޑު ފައިދާއެއް ލިބެއެވެ. 2018 ގައި މިފަދަ އިހުތިޖާޖުތަކާ ގުޅިގެން އުވާލެވުނު މި ކޯޓާ ނިޒާމު ޖޫން މަހު އެ ޤައުމު ހައިކޯޓުގެ އަމުރަކުން އަނބުރާ ތަޢާރަފުކުރެވުނެވެ.

މީގެ އިތުރުން، އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ އޯގަސްޓް 7 ގައި ބާއްވަން ހަމަޖެހިފައިވާ، މި ނިޒާމު އަލުން ތަޢާރަފުކުރުމާބެހޭ އަޑުއެހުމެއް ސަސްޕެންޑުކޮއްފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެމީހުން ކޯޓާ ނިޒާމު އުވާލުމަށް ތާއީދުކުރި ނަމަވެސް، ދަރިވަރުން ގޮވާލަނީ ދާއިމީ ބަދަލުތަކެއް ގެނައުމަށް ޤާނޫނީ އިޞްލާޙުތަކެއް ގާއިމްކުރުމަށެވެ.

ބޮޑުވަޒީރު ހަސީނާ ވަނީ ކެތްތެރިވުމަށް ގޮވާލައި، އަދި އަނިޔާވެރިކަމާ ގުޅޭގޮތުން ޝަރުޢީ ތަޙުޤީޤެއް ކުރުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް، އިހުތިޖާޖުކުރާ މީހުންނަކީ ހަނގުރާމައިގެ ދުވަސްވަރު އަދާވާތްތެރިންނާ އެއްފަދަ ކަމަށް އޭނާ ކުރިން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވެއެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކުން މިކަމާމެދު ފާޑުކިޔާފައިވެއެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އަދި އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އަނިޔާވެރިކަން ކުށްވެރިކޮށް، ހަމަޖެހުމަށް ގޮވާލާފައެވެ. އިންޑިއާގައިވެސް އެއްބާރުލުމުގެ އިހުތިޖާޖުތަކެއް ބޭއްވިފައިވެއެވެ.

ހާލަތު އަދިވެސް ނާޒުކުކަމުގައި އޮތްއިރު، ސަރުކާރުގެ ޖަވާބާއި ކުރިއަށް އޮތް ކޯޓު ނިންމުންތަކަކީ ބަންގްލަދޭޝްގެ ކުރިމަގު ކަނޑައެޅުމުގައި ވަރަށް މުހިންމު ކަންތައްތަކެއް ކަމުގައި ވާނެއެވެ.