ޒަޔަނިސްޓް އިޒްރޭލޫގެ ހައްދު ފަހަނައެޅި ސިފައިން ފަލަސްތީނުގެ ޚާން ޔޫނިސްއަަށް ޓޭންކަރުތަކުގައި އަރައި އާންމު ރައްޔިތުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި 45 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޚާން ޔޫނިސްއަށް ޔަހޫދީ ސިފައިން އެރީ، ޚާން ޔޫނިސްގެ ސުހައިލާ ޓައުން އާއި އެހެނިހެން ބައެއް ޓައުންތަކުން މީހުން ފޭބުމަށް އެންގުމަށްފަހު، މީހުން ގެދޮރުން ނިކުމެ އެސަރަހައްދު ދޫކޮށް ދިޔުމުގެ މަގުމަތީގައި ވަނިކޮށެވެ. ތަނެއް ދޮރެއް ބެލުމެއްނެތި ޔަހޫދީ ޓޭންކަރުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުން ގަޔަށް ހަމަލާދީ މެރީ ކަމަށް މިހަމަލާތަކުން ސަލާމަތްވި ބައެއް މީހުން ވަނީ ރޮއިޓާސްއަށް މައުލޫމާތު ދީފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް ޒަޔަނިސްޓް އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާނުގައި މުޅި ޣައްޒާ ސިޓީ އެއްކޮށް ސުންނާފަތި ކޮށްލާފައިވާއިރު، ސާޅިސްހާހެއްހައި މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

އިޒްރޭލުގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާއިން ހުޅަނގު، އަދި އަރަބި އިސްލާމީ ޤައުމުތައް ވަނީ ފެއިލްވެފައެވެ.