ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޯޓަކުން, ބަންގްލަދޭޝްގެ 57 މީހުންނަށް ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ޔޫއޭއީގައި އިހުތިޖާޖުކުރުމުގެ ސަބަބުން ދިގު މުއްދަތަކަށް ޖަލު ޙުކުމް އިއްވައިފިއެވެ.
މިގޮތުން، ޔޫއޭއީގައި ރައިޓުތަކާއި ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ކުށުގައި 3 މީހަކަށް އުމުރަށް ޖަލަށްލުމަށް ޙުކުމްކުރެވުނެވެ. 53 މީހަކަށް 10 އަހަރުގެ ޖަލު ޙުކުމް އިއްވައި، އަދި އެއް މީހަކަށް 11 އަހަރުގެ ޖަލު ޙުކުމް އިއްވައިފިއެވެ.
ޔޫއޭއީގެ ދައުލަތުގެ ނޫސް އޭޖެންސީ ވާމްއިން ރިޕޯޓުކުރި ގޮތުގައި އެމީހުންގެ ދިފާޢީ ވަކީލު ވަނީ ކުށެއް ކުރުމުގެ ނިޔަތެއް ނެތްކަމަށާއި އެކަށީގެންވާ ހެއްކެއް ނެތްކަމަށް ވާހަކަދައްކާފައެވެ.
ޔޫއޭއީގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތައަކީ ބިދޭސީންނެވެ. އަދި، ތިންވަނައަށް އެންމެ ބޮޑު ބިދޭސީ ގްރޫޕަކީ ބަންގްލަދޭޝް މީހުންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އިހުތިޖާޖުތަކާ ދެކޮޅަށް ޔޫއޭއީން ދެއްކި ހަރުކަށި ރައްދު ކުށްވެރިކޮށްފައެވެ. އެ ޤައުމުގައި މިފަދަ އިހުތިޖާޖުތަކަކީ މައިގަނޑު ގޮތެއްގައި ޤާނޫނާ ޚިލާފު ކަމެކެވެ. ޔޫއޭއީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން ވަނީ ބަންގްލަދޭޝް ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް އިހުތިޖާޖީ ހިނގާލުންތަކެއް ރާވައިފައެވެ. ނަމަވެސް މި ހިނގާލުންތަށް ހޫނުވެގެންގޮސް ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވެގެންދިޔައެވެ.
ބަންގްލަދޭޝްގައި، ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ދެކޮޅަށް ދަރިވަރުން އިސްނަގައިގެން ހިންގި މުޒާހަރާތަކުގެ ސަބަބުން މިހާތަނަށް 150 އަށްވުރެ ގިނަ މީހުން މަރުވެ، 500 މީހުން ހައްޔަރުކުރެވިފައިވެއެވެ. މުޒާހަރާގެ އިސްވެރިން ވަނީ މުޅި ޤައުމަށް އަމާޒުކޮށް ނެރެފައިވާ ކަރްފިއު ނަގައި، އިންޓަނެޓްގެ ޚިދުމަތްތައް އަލުން ޤައުމަށް ދޫކުރުމާއި، މުޒާހަރާކުރި މީހުންނާ ދެކޮޅަށް އަނިޔާވެރިވި ފަރާތްތައް އިސްތިއުފާދިނުމަށް އެދި އަންގާފައިއެވެ.
ޔޫއޭއީގައި ހައްޔަރުކުރި ބަންގްލަދޭޝް މީހުން އަދަބު ތަންފީޒުކުރުމަށްފަހު އެމީހުން ޤައުމުން ބޭރުކުރުމަށް ކޯޓުން އަމުރުކުރިއެވެ. ބަންގްލަދޭޝް ސަރުކާރުން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ދުބާއީގައި ހުރި ބަންގްލަދޭޝްގެ ކޮންސިއުލޭޓުން އެޤައުމުގެ ރައްޔިތުންނަށް އެތަނުގެ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ގޮވާލިއެވެ.
އިދިކޮޅު ޚިޔާލުތައް ހުއްޓުވުމާއި، ގިނަ އަދަދެއްގެ މީހުންގެ މައްޗަށް އެއްފަހަރާ ޝަރީޢަތްކޮށް ދިގު މުއްދަތުގެ ޖަލު ޙުކުމްތައް އިއްވާތީ އެމްނެސްޓީ އިންޓަނޭޝަނަލްއިން ޔޫއޭއީ އަށް ފާޑުކިޔާފައިވެއެވެ.