މިދިޔަ އާދިއްތަ ދުވަހަކީ، 1940 ވަނަ އަހަރު ދުނިޔޭގެ ފިނި ހޫނިމިން ރެކޯޑް ކުރަން ފެށުނުފަހުން މިހާތަނަށް ދުނިޔެއަށް އެންމެ ބޮޑަށް ހޫނުމިން މިންކުރެވުނު ދުވަސް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ސައިންސްވެރިން ބުނެފި އެވެ.

ޖުލައި 21 ވަނަ ދުވަހު ދުނިޔޭގެ އެވްރެޖް ބިމުގެ ވައިގެ ފިނިހޫނުމިން 17.09 ސެލްސިއަސްގައެވެ. އޭގެ ކުރިން އެންމެ ބޮޑަށް ހޫނުވި ދުވަސްގެ ގޮތުގައި ރެކޯޑް ކުރެވިފައި އޮތީ މިދިޔަ އަހަރުގެ ޖުލައި 6 ވަނަ ދުވަހެވެ.

ސާވިސް ޑިރެކްޓަރު ކާލޯ ބުއޮންޓެމްޕޯ ވިދާޅުވީ މިހާރު މިތިބީ ހަގީގަތުގައި ވެސް ޗާޓް ނުކުރެވޭ ސަރަހައްދެއްގައި ކަމަށާއި މޫސުން ހޫނުވަމުންދާ ވަރަކަށް ކުރިއަށް އޮތް މަސްތަކާއި އަހަރުތަކުގައި އާ ރެކޯޑްތައް މުގުރާލާތަން ފެންނާނެ ކަމަށެވެ.

ދުނިޔޭގެ ހޫނުމިން ބޮޑުވި ނަމަވެސް ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ މާހިރު އަބްދުލްއަޒީޒް އަލް ހުސައިނީ އަރަބި ނިއުސްއަށް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ފިނިހޫނުމިން ހުރީ އާންމު އަހަރީ ރޭންޖުގެ ތެރޭގައި ކަމަށެވެ. "ޖަޕާން ފަދަ އެހެން ގައުމުތަކުން ރެކޯޑް އަދަދަކަށް ފިނިހޫނުމިން ރިޕޯޓް ކުރާއިރު ވެސް ސައުދީއަށް އާދަޔާ ހިލާފު ކަމެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.