މި ސަރުކާރުން މިހާތަނަށް ގަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އިގުތިސާދީ ސިޔާދަތު ޔަގީކުރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ފަރުދުންގެ ފުދުންތެރިކަމާއި، އާއިލާގެ ފުދުންތެރިކަމާއި، ޖަމާއަތުގެ ފުދުންތެރިކަން ޔަގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެމައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

އެގޮތުން ފަރުދުންގެ އާމުދަނީ އިތުރުކުރުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހުރިއްޔާ ވަނީ އަންހެން ކަނބަލުންނަށް ހާއްސަ ލޯނުތައް ތައާރަފު ކުރައްވާނެކަމަށާއި، އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަގުވާމީ ބާޒާރަށް ވިއްކޭނެ ޒަމާނީ އަދި ފަސޭހަ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަން ހަގީގީ މާނާގައި ލިބެނީ މައިގަނޑު ތިންކަމެއް ހާސިލްވުމުން ކަމަށެވެ. އެ ތިންކަމަކީ އިގްތިސާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު، އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު ޔަގީންވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިތިން ކަންތައް ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަރަށް ތަފުސީލީގޮތެއްގައި ވާހަކަފުޅުގައި ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.