ފަރަންސޭސި ވިލާތުގެ ވެރިރަށް, ޕެރިސްގައި މި އަހަރު އޮންނަ އޮލިމްޕިކްސް ކުޅިވަރު މުބާރާތް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު, ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ މި ދަތުރުފުޅަކީ ފަރަންސޭސި ވިލާތުގެ ސަރުކާރާއި އޮލިމްޕިސްގެ އިންޓަނޭޝަނަލް ކޮމިޓީއިން އެރުއްވި ރަސްމީ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ފަރަންސޭސި ވިލާތަށް ނައިބު ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ކުޅުންތެރިންނާ ބައްދަލު ކުރައްވާ, އެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
ޕެރިސްގައި އޮންނަ މި އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާ ފަސް އެތުލީޓުންނެއް ބައިވެރިވެއެވެ. މިއީ, ރާއްޖޭގެ ތާރީހުގައި ވެސް އޮލިމްޕިކްސްގެ ކުޅިވަރު މުބާރާތެއްގައި އެންމެ ގިނަ އެތުލީޓުން ތަމްސީލު ކުރާ އަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ.