ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތްކަމަށާއި އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން އެކަން މިހާރު ހާސިލުކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަން މިހާރު ހާސިލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ މިހާރު ރާއްޖޭގައި ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރު ތަފްސީލުތައް ދެއްވަމުން އެމަނިކުފާނު ވަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމުތަކުގައި ތިބި މިލިޓަރީ މީހުން ގެންގޮސް، މަދަނީ މީހުން ބޭނުންކޮށްގެން މިހާރު އެ ޕްލެޓްފޯމުތައް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށިފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް ރޭ ދަތުރުކޮށްފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަގީންނުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫ.އޭ.ވީގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ކޯސްޓްގާޑު ދެގުނައަށް ފުޅާކުރުމުގެ މަސައްކަތްވެސް ފެށުމުގެ މަރުހަލާގައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު، ފަވާލެވިފައިވާ ރަތްރޮނގެއްގެ ގޮތުގައި ތާއަބަދަށް ދަމަހައްޓައި ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ފަހުރެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައެވެ.