ޕެރިސްގައި އޮންނަ އޮލިމްޕިސް ކުޅިވަރު މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު, ހުސެއިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ އެތުލީޓުންނާ ނައިބު ރައީސް ބައްދަލު ކުރެއްވީ, އޮލިމްޕިކްސް އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތަށް އެ މަނިކުފާނު ފަރަންސޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވެވި ފަރިއްކޮޅެއްގައެވެ. ނައިބު ރައީސް ފަރަންސޭސި ވިލާތަށް ކުރައްވަމުންގެންދާ މި ދަތުރުފުޅަކީ ފަރަންސޭސި ވިލާތުގެ ސަރުކާރުންނާނި އޮލިމްޕިކްސްގެ އިންޓަނޭޝަނަލް ކޮމިޓީއިން އެރުއްވި ދައުވަތަކަށް ކުރައްވަމުން ގެންދާ ދަތުރުފުޅެކެވެ.

އޮލިމްޕިކްސްފައި ބައިވެރިވާ ދިވެހި އެތުލީޓުންނާ ނައިބު ރައީސް ކުރެއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ, ސަރުކާރުން ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ހާއްސަ އަހައްމިއްޔަތިކަމެއް ދެއްވާކަން ފާހަގަކުރައްވާ, އެ އެތުލީޓުންނަށް ކާމިޔާބަށް މަސައްކަތް ކުރުމަށް ހިތްވަރު ދެއްވާފައެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ފަސް އެތުލީޓުން ބައިވެރިވާއިރު މިއީ, ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އެތުލީޓުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާ ފަހަރެވެ.

ރޭ ކުރިއަށް ދިޔަ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ފަހުރުވެރި ޝަރަފު ލިބިފައިވަނީ ޒުވާން އުމުރެއްގައި ޓޭބަލް ޓެނިސްއިން އެތައް ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.