ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުންކަމަށެވެ. މިގޮތުން، މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކަށް، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލު ބަލަމުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާކަމަށެވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް އިލްރިމާސްކުރަނީ މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުންވެސް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއެވެ.
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ، ޖުލައި މަހު ބޭއްވުނު މުޒާހަރާތަކުގައި ފުރާނަ ގެއްލުނު 200 އެއްހާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްދާ އިހުތިޖާޖީ ހަރަކާތްތަކެކެވެ. ޖުލައި މަހުގެ މުޒާހަރާތައް ނިމުމަކަށް އައީ، ސަރުކާރުގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ގެންގުޅެމުންދިޔަ ކޯޓާ ނިޒާމު މުރާޖަޢާކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
މުޒާހަރާތައް ނިމުމަކަށް އައި ނަމަވެސް، ދަރިވަރުންގެ ޖަމްޢިއްޔާތަކުން އަލުން މަގުމައްޗަށް ނުކުމެފައިވަނީ، ފުލުހުންގެ ޢަމަލުތަކުގެ ސަބަބުން މަރުވެފައިވާ ދަރިވަރުންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައެވެ. މުޒާހަރާ ކުރާފަރާތްތަކުން އަންނަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.