ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ ގޮލަމް ސަރުވާރު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފުވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ އަރިހަށްވެސް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ބައްދަލުކުރައްވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރު ޝާހިޔާ އަލީމަނިކް އަދި ބަވެޝް ރ. ޓްރިވެޑީ ބައިވެރިވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ގައެވެ. އެ މަނިކުފާނު ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.