ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތައް މައިތިރި ނުކުރެވޭނެ ޔަގީން ވުމުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން އިސްތިއުފާ ދެއްވައި އަވަށްޓެރި އިންޑިޔާ ސިފައިންގެ ހިމާޔަތުގައި އެގައުމަށް ވަޑައިގެންފިއެވެ.

ޤައުމީ ކަރފިޔު އިޢުލާންކޮއްފައި އޮތްނަމަވެސް ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ގަނޑުވަރަށް މުޒާހަރާކުރާ މީހުން އަރައިގަތުމާއެކު، ގިނަ ދުވަސްތަކެއްވީ ބަންގްލަދޭޝްގެ ވެރިޔާ މިއަދު ސިފައިންގެ ހެލިކޮޕްޓަރެއްގައި ފުރައިގެން ގޮސްފައެވެ. ޝެއިޚް ހަސީނާއާއެއްކޮށް އޭނާގެ ކޮއްކޮވެސް ގޮސްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޖުލައި މަހުން ފެށިގެން ކުރިއަށްދިޔަ މުޒާހަރާތައް މަނާކުރަން ސަރުކާރުން މަސައްކަތްކުރުމުގެ ތެރޭގައި 300 އެއްހައި މީހުން ވަނީ މަރުވެފައެވެ. އާދީއްތަ ދުވަހުގެ ރޭ ހިނގި އަނިޔާވެރި ހާދިސާތަކުގައި 100 އެއްހައި މީހުން މަރުވުމާ ގުޅިގެން، ހޯމަ ދުވަހު ވެސް ވަނީ ޑާކާގައި ހަޅުތާލުކުރުމަށް މުޒާހަރާކުރާ މީހުން ގޮވާލާފައެވެ.

މިއަދު މެންދުރުފަހުގެ ކުރީކޮޅު، ބޮޑުވަޒީރު ހަސީނާ ފިލައިގެން ދިޔަކަމުގެ ޚަބަރު ފެތުރުމާއެކު، މަގުމަތީގެ މާޙައުލު ވަނީ އުފާވެރިކަމަށް ބަދަލުވެފައިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައެއްގައި، ސިފައިންގެ އެންމެ އިސްވެރިޔާ ޖެނެރަލް ވަކަރް-އުޒް-ޒަމާން ވަނީ ބޮޑުވަޒީރު އިސްތިއުފާ ދީފައިވާކަމާއި، މިހާރު ވަގުތީ ސަރުކާރަކުން ޤައުމު ހިންގާނެކަން ކަށަވަރުކޮށްދީފައެވެ. އޭނާ ރައްޔިތުންނަށް ގޮވާލީ ސިފައިންގެ މައްޗަށް އިތުބާރު ބެހެއްޓުމަށެވެ. އަދި ސިފައިން ޤައުމަށް އަމާންކަން ގެނެސްދޭނެ ކަމަށް ވިދާޅުވިއެވެ.

"މުޒާހަރާތަކުގައި މަރުވި ކޮންމެ މީހަކަށް އަދި ހިނގި ކޮންމެ ކުށަކަށް އިންސާފު ހޯދައިދޭނެކަން އަޅުގަނޑުމެން ޔަޤީންކޮށްދޭނަމެވެ،" އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ގޮވާލެއްވީ ކެތްތެރިވުމަށާއި އެއްވެސް އަނިޔާވެރި އަދި ގެއްލުންދޭ ޢަމަލެއް ނުހިންގުމަށެވެ.

ޤައުމީ ޓީވީ ސްޓޭޝަންއިން ދެއްކި މަންޒަރުތަކުގައި ހާހުން ގުނާލެވޭ މީހުން ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރަށް ވަދެގެން ދިޔަ ތަން ފެނުނެވެ. އަދި ހަސީނާ ފުރާވަޑައިގަތް ޚަބަރު ފެތުރެން ފެށުމާއެކު މަގުމަތީގައި ގިނަ އަދަދެއްގެ މުޒާހަރާކުރާ މީހުން އުފާވެރިކަމާއެކު ތިބި މަންޒަރުވެސް ދެއްކިއެވެ.

ޤައުމުގައި މުޒާހަރާތައް ފެށުނީ މަސްތަކެއް ކުރިން، ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ގުޅޭގޮތުން އުފެދުނު ޚިލާފަކާ ގުޅިގެންނެވެ. ނަމަވެސް އެ މުޒާހަރާތައް އަވަހަށް ބަދަލުވެގެން ދިޔައީ މުޅި ޤައުމަށް ފެތުރުނު ހަމަނުޖެހުމަކަށެވެ.