މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެން އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގިނަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މި ކަމަށް އިލްތިމާސް ކޮށްފައިވަނީ ރޭގެވަގުތެއްގައި އެ މިނިސްޓްރީން އެކްސްގައި ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިހާލަތާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ގައުމުގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންނާއި، އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ހަމައެއާއެކު އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން ދުރުހެލިވުމަށާއި، އިނގިރޭސި ސަރުކާރާއި ދިވެހި ހައިކޮމިޝަނުގެ އިރުޝާދުތަކަށް ތަބާވުމަށާއި އަދި އެހީއެއް ބޭނުންވެއްޖެނަމަ ހައިކޮމިޝަނާ ގުޅުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.