ފަލަސްތީނުގް ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައެޅުން ކަމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލައިފައިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ފަލަސްތީނު މައްސަލައަށް ހައްލެއް ގެނައުމުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއޮތްކަން ފާހަގަކުރައްވާ އިޒުރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެއިތުރުރުން ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތައް އެންމެ މުހިންމުކަންދޭންވީ ކަމެއްް ކަމުގައި ވަޒީރުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމަށް މިނިސްޓަރ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހަމައެއާއެކު މިނިސްޓަރގެ ތަގުރީރުގައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު, އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުން ކުށްވެރި ކުރައްވާފައެވެ.

އޯ.އައި.ސީއަކީ މުސްލިމް އުއްމަތަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މުސްލިމް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަގުސަދުގައި 1969 ވަނަ އަހަރު އުފެދުނު ޖަމްއިއްޔާއެކެވެ.