ވެނެޒުއޭލާގެ ރައީސް, ނިކޮލަސް މަޑޫރޯގެ އަމުރަށް އެ ގައުމުގައި 10 ދުވަހަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ބޭނުން ނުކުރެވޭ ގޮތަށް ހަދައިފިއެވެ.
މަޑޫރޯގެ މި ނިންމެވުމަކީ އެކްސްގެ ވެރިޔާ ކަމުގައިވާ އީލޮން މަސްކް އޭނާއަށް ފާޑު ކިޔުމުގެ ސަބަބުން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓަކައި ނިންމި ނިންމުމެކެވެ.
"އެކްސްގެ ވެރިޔާގެ ގޮތުގައި ހުރެ މަސްކް އެ ވަނީ އޭނާގެ އަމިއްލަ ޕްލެޓްފޯމުގެ ގަވާއިދުތަކާއި މުޅި ސޯޝަލް މީޑިއާގެ ގަވާއިދުތަކާ ހިލާފުވެފަ" މަސްކްގެ ބަސްތަކަށް ފާޑުކިޔަމުން މަޑޫރޯ ބުންޏެވެ.
ވެނެޒުއޭލާގައި ދާދި ފަހުން ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ސަބަބުން އެ ގައުމުގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި މަސްކް ވަނީ އެލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ވޯޓުލުމަށް ހަދާފައިވާ ނިޒާމުތަކުގައި ވޯޓު ގުނުމުގައި މަކަރު ހަދާފައިވާ ކަމަށް މަޑޫރޯއަށް ތުހުމަތު ކޮށްފައެވެ.
މަސްކް މި ފަދައިން މަޑޫރޯއަށް ތުހުމަތު ކުރީ, ޖުލައި 28 ވަނަ ދުވަހު އިއުލާނުކުރި ވެނެޒުއޭލާގެ ރިޔާސީ އިންތިހާބުގެ ނަތީޖާގައި މަޑޫރޯއަށް 51.2 އިންސައްތަ ވޯޓު ލިބުނުއިރު, އޭނާއާ ދެކޮޅަށް ކުރިމަތިލި އެޑްމަންޑޯ ގޮންޒާލޭޒްއަށް 44.2 އިންސައްތަ ލިބިފައިވާއިރު, މި ނަތީޖާއަކީ އާއްމުންގެ މެދުގައި އެހެން ފަރާތްތަކުން ހެދި ތަފާތު ޕޯލްތަކާ މުޅިން ހިލާފް ނަތީޖާއަކަށް ވާތީއެވެ.
މަޑޫރޯއާ ދެކޮޅަށް ވޯޓުގެ ނަތީޖާ އޮޅުވާލުމުގެ ތުހުމަތު އެތައް ފަރާތަކުން ކުރަމުން އަންނަ އިރު, އޭނާއަށް ވަނީ މި ކަން ދިރާސާކުރާ ފަރާތްތަކުން ވޯޓުގެ ނަތީޖާގެ ތަފްސީލުތައް ހާމަކުރަން އެދުމުން އެކަން ކުރެވޭ ގޮތް ނުވެފައެވެ.
މަޑޫރޯގެ ވެރިކަމަށް ދެކޮޅު ހަދާ ވެނެޒުއޭލާގައި މިހާރު ވެސް ގިނަ ބަޔަކު އަންނަނީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ, މަޑޫރޯ ވެރިކަމުން އިސްތިއުފާދީ ގޮންޒާލޭޒްއަށް ވެރިކަން ހަވާލުކުރުމަށް ގޮވާލަމުންނެވެ.