ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދެއްވި ފުރިހަމަ މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސްއަށް ތަހުނިޔާ އަރިސްކުރައްވައި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ގާތް އަދި ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ވަނީ މިހާރު ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްގެންދިއުމާއި، ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރެވިދާނެ އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އިގްތިސާދީ ދާއިރާ، ބޯހިޔާވަހިކަން، ދިފާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އުމްރާނީ ތަރައްގީއާއި އަދި ގާބިލުކަން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ތަރައްގީގެ މަގުގައި ދެ ޤައުމުގެ ކުރިމަގަށް ފައިދާވާނެ ކަންކަމުގައި އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ. އަދި ދެ ގައުމުގެ ގުޅުމަށް ފާގަތިކަމާއި އާރޯކަން ކުރިއަށްއޮތް އަހަރުތަކުގައި ގެނައުމަށް މަސައްކަތް ކުރެއްވުމަށްވެސް ދެބޭފުޅުން ޔަގީންކަން ދެއްވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.