ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ބަހުރައިނަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅަކީ ބަހުރެއިނުގެ ފޮރިން މިނިސްޓަރ ޑރ. އަބްދުއްލަތީފް ބިން ރަޝީދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ވަޒީރު ޒަމީރު ބަހުރެއިނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން މުރާޖައާކުރައްވައި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާނެ މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، މި މަހު 15 ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ބަހުރެއިނު ސަރުކާރުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެކަމަށާއި މީގެ ތެރޭގައި މާލިއްޔާ އަދި ގައުމީ އިގްތިސާދުގެ ވަޒީރު، ތެލާއި ތިމާވެށީގެ ވަޒީރު އަދި ފަތުރުވެރިކަމުގެ ވަޒީރާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ބަޙްރައިނާއި ދެމެދު ސިޔާސީ ގުޅުން ބަދަހިކުރިތާ މިއަހަރަށް 44 އަހަރު ފުރޭނެއެވެ.