ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވީދާޅުވީ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސްވަނީ މި ކޮމިޓީގެ މެންބަރުންނަށް ބެޖު ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ބޭއްވެވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުންގެ ފަރާތުން ގައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދައުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް ރައީސްގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީގެ ފަރާތުން ވަނީ މިފަދަ ފުރުސަތެއް ފަހިކޮށްދެއްވައި، ކަންކަމުގައި ޒުވާނުންގެ ހިޔާލު ހޯއްދެވުމަށް މިފަދަ ފުރުސަތެއް ފަހިކޮށްދެއްވީތީ ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސްގެ އިރުޝާދާއި އެއްގޮތަށް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑު އިއްވައިދިނުމަށް ރާވާފައިވާގޮތް ކޮމިޓީގެ ފަރާތުން އެމަނިކުފާނާއި ހިއްސާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސްވަނީ މި ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.