ކުޅުދުއްފުށީ ސިޓީގައި ނަރުދަމާ ނިޒާމަށް ބައެއް ގޭބިސީތަކުގެ ފުރާޅުން ފެންދާހޮޅި ގުޅާފައި ހުރުމުން އެކަން ނުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވަމުންދާ ދަނޑިވަޅުގައި ރަށުގެ ނަރުދަމާ ނިޒާމަށް ބައެއް ގޭބިސީތަކުގެ ފުރާޅުން ފެންދާހޮޅި ގުޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ކުޅުދުއްފުށްޓަށް ދަނީ އަދީއްތަދުވަހުގެ ރޭން ފެށިގެން ބޯކޮށް ވާރޭވެހެމުންނެވެ. އެހެންކަމުން ސިޓީ ކައުންސިލްއިން މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއްވެސް ގާއިމުކޮށްފައެވެ.

ބައެއް ގެތަކުގެ ދިޔަ ދޮވި ހޮޅި ނަރުދަމާ ނިޒާމަށް ގުޅާފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ބައެއް ގޭބިސީތަކުގެ ފާހާނާއާއި ބަދިގެ ފަދަ ނަރުދަމާ ނިޒާމާ ގުޅިފައިވާ ތަންތަނުން ފެން ނުދިޔުމުގެ މައްސަލަވެސް ރިޕޯޓުކުރެފައިވެއެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ގޭބީސީތަކަށް ފެންވަދެ ރިޕޯޓުކޮއްފައިވެސްވެއެވެ. އަދި ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުން އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.