މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސާޖަންޓް ފަސްޓް ކްލާސް ނަސްރުﷲ އަހުމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަތީފަށް ހަދިޔާކުރައްވައިފިއެވެ.

މި މެޑައްޔާއި ޖަރޒީ އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ނަސްރުﷲ ގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. މީގެ އިތުރުންވެސް ނަސްރުﷲ ބޭނުންފުޅުވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށްޓެވި ނަސްރުالله އަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ، 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެރިވެވަޑައިގެން، އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވުނީ އެއަހަރުކަމަށްވާތީއެވެ.

ނަސްރުالله ގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.