ޣައްޒާގެ ޚާން ޔޫނިސް ސިޓީގައި ދިރިއުޅެމުން އަންނަ މުހައްމަދު މަހްދީ އަބޫ އަލް-ގުމްސަން އާއި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ އަންހެނުން ޖުމާނާއަށް އެއްމާބަނޑު ދެކުދިން ލިބުނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އެއްމާބަނޑު ދެބެއިންގެ ދެތެރެއިން އަންހެން ދަރިފުޅަށް މަހްދީގެ ދެމަފިރިން ދިން ނަމަކީ "އަޔެސަލް" އެވެ. ފިރިހެން ދަރިފުޅަށް ދިން ނަމަކީ "އައްސެރް" އެވެ.

މަހްދީ އާއި އޭނާގެ އަނބިމީހާ އަދި އާއިލާއަށް ލިބުނު މި ހާއުފާވެރިކަން ހައްދުފަހަނައެޅި ޒަޔަނިސްޓް އިޒްރޭލުން ހިތްދަތިކަމަަށް ބަދަލުކޮށްލީ މަހްދީ އޭނާގެ ދެދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ބަލައި ދިޔަ ވަގުތުގައެވެ. ޔަހޫދީ ފައުޖުން މަހްދީ ދިރިއުޅެމުން ދިޔަ ގެއަށް ބޮން އަޅައި ދެދަރިންނާއި އަންހެނުން އަދި އަންހެނުންގެ މަންމަވެސް ޝަހީދު ކޮށްލި ޚަބަރު ލިބުނީ ގެއަށް އައި މަގުމަތީގައެވެ.

ހިތާމަޔާއި ހިތްދަތިކަން ވަށާލާފައިވާ މަހްދީ އަލްޖަޒީރާއަށް ބުނީ އެއްމާބަނޑު ދެބެއިން ލިބުމުން އެކަމުގެ އުފާވެސް ފާޅުކޮށްލާނެ ފުރުސަތު އެދެމަފިރިންނަށް ނުލިބުނު ކަމަށެވެ. "ސިސޭރިއަން ހެދީމަ އަންހެނުންގެ ހާލު އެހާ ރަނގަޅު، ރަނގަޅެއް ނޫން. ގެއަށް ބަދަލު ކުރީއްސުރެ އޭނާ ހުރީ ބޭރަށް ނިނުކުމެ ގޭގައި. ދެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ބަލައި އަހަރެން ބޭރަށް ދިޔައީ. ސެޓްފިކެޓް ހިފައިގެން އައިރު ޒަޔަނިސްޓުން ގެއަށް ބޮން އަޅައި އަންހެނުންނާއި ދެދަރިން ޝަހީދު ކޮށްލައިފި" މަހްދީ ރޮމުން އަލްޖަޒީރާއަށް ކިޔައި ދިނެވެ.

އަލްޖަޒީރާއިން ޚަބަރު ގެނެސްދީފައިވާ ލިންކް:

https://www.aljazeera.com/program/newsfeed/2024/8/13/israeli-strike-kills-newborn-twins-as-father-collected-birth-certificates

މިއީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ޒަޔަނިސްޓް އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުން ނެތި ކޮށްލުމަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ހަމަލާއެއްގެ ވާހަކައެވެ.

ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 16،500 ކުދިން އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ފަލަސްތީނުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 500 އަށްވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމަށް 10 މަސްދުވަސް ވެފައިވާއިރު، އިޒްރޭލުގެ މިއަމަލުތައް ހުއްޓުވުމުގައި އަރަބި އިސްލާމީ ގައުމުތަކާއި ދުނިޔޭގެ ބާރުހުރިކަމަށް ދައުވާކުރާ ގައުމުތައް ވަނީ ފެއިލްވެފައެވެ.