ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފިއެވެ.

މިދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިހުތިރާމުގެ މައްޗަށްކަން ފާހަގަކުރައްވައި މިގުޅުން އިތުރަށް ބަދަހިވެ އަދި އުފެދިގެންދިޔަ މި ގާތް ރަހުމަތްތެރި ގުޅުމަކީ ރާއްޖޭގެ ތަރައްގީއާ ފާގަތިކަމަށް އިތުރު ފަހިކަން ގެނެސްދިން ކަމެއްކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައިވެއެވެ.

އަދި މި މެސެޖުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް އިތުރުކުރިއެރުމާއި ފާހަގަތިކަމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މީސްމީޑިއާ މެދުވެރިކުރައްވައި ވެސް މިއަދު ފޮނުއްވާފައިވެއެވެ.