ދޮންކޭލަކީ ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާ މޭވާއެކެވެ. ދޮންކޭލަކީ ރާއްޖޭގައި އިންދަން ފަސޭހަ މޭވާއަކަށް ވެފައި އަބަދުވެސް ރާއްޖޭގެ ބާޒާރުން އަގުހެޔޮ ކޮށް ލިބެން ހުންނަ މޭވާއެކެވެ. މީގެއިތުރުން ދޮންކޭލަކީ އޭގައި ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. މިގޮތުން ތިރީގައި ބަޔާން ކޮށްފައި މިވަނީ ދޮންކެޔޮ ކެއުމުން ސިއްހަތަށް ލިބިދޭ ބައެއް ފައިދާތަކެވެ.

ހިތުގެ ސިއްހަތު

ދޮންކޭލަކީ އިންސާނާގެ ހިތަށް ގިނަ ސިއްހީފައިދާތަކެއް ލިބިދޭ މޭވާއެކެވެ. މިގޮތުން ދޮންކެޔޮ ކެއުމުގެ ސަބަބުން "އެލްޑީއެލް" ނުވަތަ "ބޭޑް ކޮލެސްޓްރޯލް" ދަށްކޮށްދެއެވެ. ކޮލްސްޓްރޯލް ދަށްވުމަކީ ގިނަ ހިތުގެ ބަލިތަކުން މީހާ ސަލާމަތްކޮށްދޭ ކަމެކެވެ. މިގޮތުން ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ހަމައެހެންމެ ދޮންކޭލުގައި ގިނަ އަދަދެއްގެ ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ. ޕޮޓޭސިއަމް އަކީ ބްލަޑް ޕްރެޝާރ ދަށް ކޮށްދޭ މިނެރަލް އަކެވެ. ބްލަޑް ޕްރެޝާރ މައްޗަށް ދިއުމަކީ ހިތުގެ ގިނަ ބަލިތަކަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

ހަޖަމުކުރާ ނިޒާމަށް

ދޮންކޭލަކީ އިންސާނާގެ ހަޖަމުކުރާ ނިޒާމަށް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. ދޮންކޭލުގައި ހުންނަ ފައިބާގެ ބާވަތްތަކަކީ އިންސާޏާގެ ހަޖަމު ކުރާ ނިޒާމު ދަމަހައްޓައިދޭ އެއްޗެކެވެ. މިގޮތުން ދޮންކޭލުގައި ހުންނަ ފައިބާގެ ބާވަތެއް ކަމަށްވާ ޕްރީ ބައިއޮޓިކްސް އަކީ ހަޖަމު ކުރާ ނިޒާމުގައި ހުންނަ އިންސާނާއަށް ބޭނުންވާ ބެކްޓީރިއާ ރެގިއުލޭޓް ކޮށް ބަލަހައްޓާ މާއްދާއެކެވެ. މީގެއިތުރުން ދޮންކޭލަކީ ގިނަ އަދަދެއްގެ ޑޮކްޓަރުން ބޭރަށް ހިނގުމާއި ގޭހުގެ މައްސަލަތަކަށް ހައްލެ ކަމަށް ބުނާ މޭވާއެކެވެ.

އެންޓިއޮކްސިޑެންޓްސް

ދޮންކޭލުގައި ގިނައަދަދެއްގެ އެންޓިއޮކްސިޑެންޓްސްއެކުލެވިގެން ވެއެވެ. އެންޓިއޮކްސިޑެންޓްސް އަކީ ގިނަ މޭވާތަކާއި ތަރުކާރީގައި އެކުލެވިގެންވާ މާއްދާއެކެވެ. އެންޓިއޮކްސިޑެންޓްސްއަކީ ހަށިގަނޑުގެ ދީފާއި ނިޒާމު ވަރުގަދަ ކޮށްދޭ މާއްދާއެކެވެ. މީގެއިތުރުން އެންޓިއޮކްސިޑެންޓްސް އަކީ މީހާ ދިރިއުޅޭ މާހައުލުގައި ހުންނަ އެކިކަހަލަ ޓޮކްސިން ތަކުން މީހާ ރައްކާތެރި ކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ މި މާއްދާއަކީ އަލްޓްރާ ވައިލޮޓް ރޭތަކާއި ހަށިގަނޑުގެ އެތެރޭގައި އުފެދޭ އެކި ބާވަތުގެ ކެމިކަލް ތަކުންވެސް މީހާ ރައްކާތެރި ކޮށްދޭ އެއްޗެކެވެ.

(މައުލޫމާތު: ހެލްތް ޑޮޓް ކޮމް)