ތައިލެންޑުގެ ބޮޑުވަޒީރުގެ މަގާމަށް ޕެޓޮންގޓާން ސިނޮވަޓްރަ އައްޔަނު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެކަމަނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ތައިލެންޑުގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ އެކަމަނާގެ ލީޑަރޝިޕްގެ ދަށުން ތައިލެންޑަށް އާރޯކަމާއި ފާގަތިކަން ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ދެގައުމު ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތަކާ ދެގައުމުގެ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާ ތައިލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހުގައެވެ.