ގދ. ފަރެސްމާތޮޑާ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އާއެކު ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން ވަނީ މިކަން ހާމަ ކުރައްވާ އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޕޯސްޓެއްކުރައްވާފައެވެ.

ފަރެސްމާތޮޑާ ކައުންސިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު މައުޟޫއަކީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި ކުރިމަތިވެފައިވާ ލަސްތަކާ ގުޅޭ ކަންކަމެވެ.

އަދި މި މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނު ކަމަށާއި ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ފަރެސްމާތޮޑާ ކައުންސިލުން ބުނެފައިވެއެވެ.

ނައިބު ރައީސްގެ ރަސްމީ ގެކޮޅުގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި އެ ކައުންސިލްގެ 5 މެމްބަރުންނާއި ސެކްރަޓަރީ ޖެނަރަލް ގެ އިތުރުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.