ރަސްމީ ދަތުރެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދި އަރަބިއްޔާއަށް އިއްޔެ ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޒަމީރުގެ މި ދަތުރަކީ ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށެވެ.

އަދި މި ދަތުރުފުޅުގައި މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދު އަށް އެރުވުމަށް ހަމަޖެހިފައިވާކަމަށް ފޮރން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގެ ތެރެއިން، މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ސައުދީ ސަރުކާރުގެ އިސް ފަރާތްތަކާ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެއާއެކު މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމާއި ކުރިމަގުގައި ދެ ޤައުމުގެ ލާބައަށް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކުން މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އިތުރުން އެމްބެސެޑަރ އެޓް ލަރޖް އަޙުމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސިއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު އަދި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅަކީ 4 ދުވަހުގެ ދަތުރުފުޅެކެވެ.