އިއްޔެ ރޭ އީރާނުގައި ހިނގި ނުރައްކާތެރި ބަހުގެ އެކްސިޑެންޓެއްގައި ޕާކިސްތާނުގެ 28 މީހަކު މަރުވެއްޖެއެވެ

އެ ބަހުގައި ދަތުރުކުރަމުން ދިޔައީ ޕާކިސްތާނުގެ ޝީއާ މުސްލިމުންތަކެކެވެ.

އީރާނު މެދުވެރިކޮށް ޕާކިސްތާނުން އިރާޤަށް ދަތުރުކުރަމުންދިޔަ 51 ފަސިންޖަރުން އުފުލި ބަހެއް، ބްރޭކް ހަލާކުވުމުގެ ސަބަބުން ޑްރައިވަރަށް ކޮންޓްރޯލް ގެއްލިގެން ބަސް ފުރޮޅައިލައިގެން ދިޔަކަމަށް ރިޕޯތަކުން ބުނެއެވެ. މި ހާދިސާ ހިނގީ ޓެހެރާނުން ދެކުނު އިރުމަތީގައި 500 ކިލޯމީޓަރު ދުރުގައިވާ ޓަފްޓު ސިޓީ ކައިރީގައެވެ.

ސަރަޙައްދުގެ ކުއްލި ނުރައްކަލުގެ އޮފިޝަލެއް ކަމުގައިވާ މުޙައްމަދު އަލީ މަލެކްޒާދާ ވިދާޅުވި ގޮތުގައި ހުރިހާ ފަސިންޖަރުންވެސް މަރުވެފައި ނުވަތަ ޒަޚަމްވެފައިވާއިރު، 23 މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.

ޕާކިސްތާނުގައި މަރުވި މީހުންގެ އަދަދު 35 އަށް އަރާކަމަށް ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް މިއަދަދު އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ދެއްކި މަންޒަރުތަކުގައި ހައިވޭގައި ފުރޮޅާލައިފައިވާ ބަހުގެ ފުރާޅު ހަލާކުވެ، ދޮރުތައް ނެއްޓިގެންގޮސްފައިވާ ތަން ފެނުނެވެ. އަދި ސަލާމަތްވި މީހުންނާ ބަހުން ނެރުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން ކުރަމުންދާ މަންޒަރުވެސް ފެނުނެވެ.

މި މީހުން ދަތުރުކުރަމުން ދިޔައީ އިރާޤަށް، އަރްބައީން ނަމަކަށް ކިޔާ ބަންދުދުވަހެއް ފާހަގަކުރުމުގައި ބައިވެރިވުމަށެވެ. އަރްބައީން އަކީ ކަރްބަލާގެ ހަނގުރާމައިގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާފަ ދަރިކަލުން، ޙުސައިން ރަޟިޔަﷲ ޢަންހު ޝަހީދުވި ދުވަސް ފާހަގަކުރާ ޝީއާއިންގެ މުހިންމު ދީނީ ޙަފްލާއެކެވެ.

އީރާނަކީ ޓްރެފިކް ސަލާމަތްތެރިކަމުގެ ގޮތުން ދެރަ ރެކޯޑެއް އޮތް ޤައުމެކެވެ. އަހަރަކު ގާތްގަނޑަކަށް 17،000 އެއްހާ މީހުން ޓްރެފިކް އެކްސިޑެންޓުތަކުގައި މަރުވެއެވެ. މިއީ ރައްކާތެރިކަން ކުޑަ އުޅަނދުފަހަރާއި އެކަށީގެންވާ ވަރަށް ކުއްލި ނުރައްކަލުގެ ޚިދުމަތްތައް ނެތުމުގެ ސަބަބުންނެވެ.