މޮސްކޯ، އޮގަސްޓް 22. /ޓާސް/: ރަޝިޔާގެ ސިފައިން، ބޯޑަރލައިން ކަރސްކް ރީޖަންގައި ޔޫކްރޭން ސިފައިން ބޭނުން ކުރަމުންދާ އެމެރިކާގެ އެބްރަމްސް ޓޭންކެއް ނައްތާލާފައިވާ ކަމަށް ރަޝިޔާގެ ސިފައިންގެ މައި މިލިޓަރީ-ޕޮލިޓިކަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އަޚްމަތު ސްޕެޝަލް ފޯސަސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އެޕްޓީ އަލައުޑިނޯވް މިއަދު ވިދާޅުވެއްޖެއެވެ.
އެބްރަމްސް ޓޭންކަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުރުމަށް އެމެރިކާއިން ޔޫކްރައިނަށް ފޯރުކޮށްދިން އެންމެ ޒަމާނީ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އެއް ހަތިޔާރެވެ. ކޮމާންޑަރު މޭޖަރ ޖެނެރަލް އަލައުޑިނޯވް ވިދާޅުވީ ރަޝިޔާގެ ކަރސްކް ރީޖަން ހިފައިގެން ތިބި ޔޫކްރައިން ސިފައިން ފަހަތަށް ޖެއްސުމަށް މުހިއްމު ކުރިއެރުންތަކެއްވެސް މިއަދު ހޯދިފައިވާ ކަމަށެވެ.
"މިހާތަނަށް ފްރަންޓްލައިންގައި އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވަރަށް ރަނގަޅު އަދި ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވިއްޖެ. ދުޝްމަނުން މިއަދު އެއްވެސް އެކްޓިވް ކޮމްބަޓް އޮޕަރޭޝަނެއް ނުހިންގާއިރު މިއަދު ޕިކަޕް ޓްރަކް ހިމެނޭ ގޮތަށް ދިހައެއްހާ ސާމާނު ނައްތާލާފައި އަދި އެމެރިކާއިން ޔޫކްރައިނަށް ދީފައިވާ އެބްރަމްސް ޓޭންކެއް ވެސް ނައްތާލާފައި،" ކޮމާންޑަރު މޭޖަރ ޖެނެރަލް އެޕްޓީ އަލައުޑިނޯވް އޭނާގެ ޓެލެގްރާމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"މީގެ އިތުރުން އެކި ކެލިބަރުގެ ބައެއް އާޓިލަރީ ބަޑިތަކާއި އަދި ބައެއް ކޮމާންޑް ޕޯސްޓްތައް ވެސް ނައްތާލާފައިވޭ. އެހެންވެ، އަޅުގަނޑުމެންގެ ފްރަންޓްލައިން ސެކްޓަރުގައި ހާލަތު ވަރަށް ރަނގަޅު،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ރަޝިޔާ އާއި ޔޫކްރައިނުގެ ހަނގުރާމަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ރަޝިޔާގެ ކަރސްކް ރީޖަންގެ 3 ބްރިޖް ޔޫކްރައިންގެ ފައުޖުތަކުން ވަނީ ހަލާކު ކޮށްލާފައެވެ. ބޭނުމަކީ ރަޝިޔާގެ ދެތެރެއިން އަންނަ ފައުޖުތަކަށް ފަސޭއިން ކަރސްކް ރީޖަންއަށް ވަދެގަތަ ނުދިނުމެވެ.
ރަޝިޔާގެ ކަރސްކް ރީޖަންގެ 30 ކިލޯ މީޓަރުގެ ސަރަހަދެއް ކޮންޓްރޯލް ކުރަމުން އަންނަ ކަމަށް ޔޫކްރައިނުގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވާއިރު، މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާގެ ފަސްގަނޑުން ބައެއް އެހެން ގައުމަކުން ކޮންޓްރޯލް ކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.