ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލު އުވާލާ މުރާޖާކުރަން އިރުޝާދުދެއްވީ ރައްޔިތުންނާއި ވިޔަފާރިތަކަށް އެ ގެނެވުނު ބަދަލު ފަހި ބަދަލަކަށް ނުވާތީ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވިދަޅުވީ ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށެވެ.

މީގެ އިތުރުން، ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެމްއެމްއޭއިން ބީއެމްއެލް އާ ބައްދަލުކޮށްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ބީއެމްއެލުން ފާހަގަކޮށްފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ކޮވިޑް 19 އަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ ވަނީ އިތުރުވެފައިވާކަމަށްވެސް އެމްއެމްއޭއިން ފާހަގަކޮއްފައިވެއެވެ.

އެމްއެމްއޭއިން ވިދާޅުވީ ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިންގ ނިޒާމުގައި ސަރޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަކަމަށެވެ. އަދި މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލްކަމަށާއި ސަރޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރެވެއެވެ.

އެމްއެމްއޭއިން އިތުރަށް ވިދާޅުވީ، ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގަކަމަށާއި މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގަކަމަށެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް ބެލެވެއެވެ.

މިކަންކަމާ ގުޅިގެން އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ވެސް އެ އިދާރާއިން ވިދާޅުވިއެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފައިކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

މިއަހަރުވެސް މި އަދަދު އިތުރުކޮށްފައިވާއިރު އޭގެ ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން އެމްއެމްއޭއިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.