މާލެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ މީހުން ވީ އެންމެ އަވަހަކަށް ވެޖްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެ އޭޖެންސީއިން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި، މިހާރުވެސް ހިދުމަތްދެމުންދާ ވެކްސިނޭޝަން ސެންޓަރުތަކުގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުންވެސް ވެކްސިން ޖަހައިދޭނެއެވެ. އެގޮތުން، އެހެން ވެކްސިނޭޝަން ސެންޓަރަކަށް ދާން ދަތިވާނަމަ، 1676 އަށް ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހެއްދޭނަކަމަށް އެޗް.ޕީ.އޭ އިން ވަނީ ބުނެފައެވެ.

މިހާރު ވެކްސިން ދެމުންދަނީ 3 ވެކްސިނޭޝަން ސެންޓަރެއްގައެވެ. ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ވެކްސިން ޖެހުމުގެ ހިދުމަތް ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އަށް ލިބޭނެއެވެ. ވިލިމާލެ ޔޫތު ސެންޓަރުގައި ހެނދުނު 09:00 އިން ހަވީރު 13:00 އަށް ވެކްސިން ޖަހައިދޭނެއެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މާލެ ސަރަހައްދުގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.