ފާނައިގެ ބާވަތްތަކަކީ މާޙައުލީ ނިޒާމުގައި އުޅޭ އެހެނިހެން ބާވަތްތަކާ ގިނަ ގޮތްގޮތުން ގުޅިފައިވާ، މާޙައުލީ ނިޒާމުގައި މުހިންމު އެކި ދައުރުތައް އަދާކުރާ ބާވަތްތަކެކެވެ. މިގޮތުން، ފާނައަކީ އެކަތި އަނެކައްޗަށް ފައިދާކުރުވަނިވި ގުޅުންތަކެއް (ސިމްބަޔޯޓިކް ރިލޭޝަންޝިޕް) އުފައްދާ މަހެކެވެ. މިސާލަކަށް، ފާނައިގެ ބައެއް ބާވަތްތަކަކީ، ވެނާއި ބޯވަ ފަދަ އެހެން ބާވަތްތަކާ ގުޅިގެން ޝިކާރަކޮށްއުޅޭ ބާވަތްތަކެކެވެ (ބިޝަރީ އެޓް އަލް. 2006). އަދި ފާނައިގެ ހަށިގަނޑުގެ ތެރޭގައި އުޅޭ އައިސޮޕޮޑް އާއި، ޓޭޕްވަރމް ގެ ޅަ ފަންޏާއި، ނެމަޓޯޑް އާއި، ޓްރެމަޓޯޑް އަދި ސެސްޓޯޑް ފަދަ ޕެރަސައިޓްތައް ނަގައި ސާފުކުރުމަށް ދޮން ތެޔޮފުޅިމަސް ކަހަލަ މަސްމަހުގެ އެހީތެރިކަން ހޯދައެވެ (ފްރިޝް އެޓް އަލް. 2016). އަދި މީގެ އިތުރުން، ފުޑް ޗެއިން ގައި ހަކަތަ ދައުރު ކުރުމުގައިވެސް ފާނަ މުހިންމު ދައުރެއް އަދާކުރެއެވެ.
ފާނައަކީ މުރަކަ ފަރުތަކުގެ މާޙައުލުގެ ކާނާގެ ހަރުފަތްތަކުގެ (ފުޑް ޕިރަމިޑްގެ) އެންމެ މަތީގައިވާ (ޓޮޕް ޕްރިޑޭޓަރ) ބާވަތެކެވެ. ނަމަވެސް، ފާނައަކީ ޝިކާރަކުރުމަށް މާ ބޮޑަށް ހެލިފެލިވާ މަހެއް ނޫނެވެ. އެއީ ޝިކާރައިގެ އިންތިޒާރުގައި މަޑުކުރާ މަހެކެވެ. ޝިކާރަ ކުރިމައްޗަށް އެރުމުން ކުއްލިއަކަށް އަނގަ އޫކޮށް، އަނގަ ފުޅާކޮށް، ޝިކާރައާ އެކު ލޮނުގަނޑު އަނގައިގެތެރެއަށް ދަމައިގަނެއެވެ (ކްރެއިގް އެޓް އަލް. 1993). އަދި ކަރުތެރެއަށް ވާގޮތަށް ސަފުސަފަށް ހުންނަ ކުދި ދަތްތަކުން ކަނާ ޗަސްކޮށް، ކުދިކުރެއެވެ. ބޮޑެތި ފާނަ އާންމުގޮތެއްގައި ކައި އުޅެނީ އެހެނިހެން މަސް އަދި ބޯވަ އާއި ކަކުނީގެ ބާވަތްތައް ފަދަ މައިކަށި ނުހުންނަ ދިރުންތަކެވެ. އަދި ޅަ ފާނަ ކައި އުޅެނީ ކުދި ކަކުންޏާއި ޑިނގާފަދަ ތަކެއްޗެވެ (ޑިއަރކިންގް އެޓް އަލް. 2009؛ ޖޯރީ އަދި އިވަރސަން 1989؛ ފްރިޝް އެޓް އަލް. 2016).
ފާނައަށް ޝިކާރަކުރާ ބާވަތްތަކުގެ ތެރޭގައި މިޔަރާއި، ފަރުތޮޅި އަދި ވެން ހިމެނެއެވެ (ޖޯރީ އަދި އިވަރސަން 1989). މީގެ އިތުރުން، ފާނަ ބިސްދޫކުރަން ޖަމާވާ ސަރަޙައްދުތަކުގައި އެންމަޑި ފަދަ ބޮޑެތި މަހުގެ ބާވަތްތައް ފާނައިގެ ބިސް ކެއުމަށް ޖަމާވެއެވެ (ހާރލީ އެޓް އަލް. 2001؛ ސަޑޮވީ ޑި މިޗެސަން އަދި ކޮލިން 2012).
ފާނައަކީ މާޙައުލީ ނިޒާމުގެ ޞިއްޙަތަށާއި، ދިމާވާ ކަންކަމުން މާޙައުލީ ނިޒާމު ވިލުމަށް މުހިންމު ދައުރެއް އަދާކުރާ މަހެކެވެ. ފާނަ ބިސްދޫކުރުމަށް ޖަމާވާ ޖަމާވުންތައް ވަކި ސަރަޙައްދަކުން މަދުވެ، ފާނަ ޖަމާވުން ހުއްޓިއްޖެނަމަ، އެ ސަރަޙައްދެއްގައި އުޅޭ ފާނައާއި ކާނާގެ ވިއުގައިގެ (ފުޑް ވެބްގެ) ޒަރިއްޔާއިން ގުޅިފައިވާ އެހެނިހެން ދިރުންތަކަށާއި މުޅި މާޙައުލީ ނިޒާމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރުން އެކަށީގެންވެއެވެ (ސަޑޮވީ އަދި ޑޮމެއިއަރ، 2005). މިފަދަ ޖަމާވުންތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަމަކީ މިކަމަށް މަގުފަހިކުރުވާ ކަމެކެވެ. އަދި މިގޮތަށް ބިސްދޫކުރުމަށް ޖަމާވާ ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ ފާނައިގެ އާބާދީ ހީނަރުވުމަށް ދިމާވާ ސަބަބެއް ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ދިރާސާތަކުން ދައްކައެވެ. މިސާލަކަށް، ބިސްދޫކުރުމަށް ޖަމާވާ ކުލަ ފާނަ އާއި އޮޅުފާނަ އަށް އަމާޒުކޮށްގެން ޕަލާއު ގައި ކުރެވުނު ފާނަ މަސްވެރިކަމުގެ ސަބަބުން މި ދެ ބާވަތުގެ ފާނައިގެ އާބާދީ ވަރަށް ބޮޑަށް ހީނަރުވެ، ފާނައިގެ އެކްސްޕޯޓު މުޅިން ހުއްޓުމަކަށް އައިސްފައި ވެއެވެ (ސަޑޮވީ ޑި މިޗެސަން. އެޓް އަލް. 2013).
ފާނައިގެ ޙަޔަވިއްޔާތާއި (ބަޔޮލޮޖީ) އުޅުމުގައި ހުންނަ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ފާނައަށް މަސްވެރިކަމުގެ ނޭދެވޭ އަސަރު ވަރަށް ފަސޭހައިން ކުރެއެވެ (ސަޑޮވީ ޑި މިޗެސަން. އެޓް އަލް. 2013؛ ބެޖެރާނޯ ޗަވައްރޯ އެޓް އަލް. 2014). ދިރުންތަކުގެ އާބާދީގެ ހާލަތު ގިންތިކުރުމަށް ބޭނުންކުރާ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ ރެޑް ލިސްޓުގެ ކްރައިޓީރިޔާތަކަށް ބަލައި، ކޮށްފައިވާ ދިރާސާއަކުން ދައްކައިފައިވާ ގޮތުގައި ފާނައިގެ ބާވަތްތަކުގެ %13 އަކީ ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ (ތްރެޓްންޑް) ބާވަތްތަކެކެވެ (ސަޑޮވީ ޑި މިޗެސަން. އެޓް އަލް. 2013). މިއަދު ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަނޑުގެ ޤުދުރަތީ ނިޒާމަށް ދަނީ ބުރޫއަރަމުންނެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ދިމާވާ ގައު ހުދުވުމުގެ މައްސަލައަކީ ވެސް ފާނައިގެ އާބާދީ އާލާވުމަށް އޮތް ހުރަހެކެވެ. މާޙައުލީ ނިޒާމަށް އަންނަމުންދާ މިފަދަ ބަދަލުތަކާ ގުޅިގެން އެވެށީގައި ދިރިއުޅޭ ބާވަތްތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް (ރެޖީމް ޝިފްޓް) އަންނަމުންނެވެ (އައި.ޕީ.ސީ.ސީ 2019؛ ރޮޖަރސް އެޓް އަލް. 2020). މިފަދަ ޤުދުރަތީ ކާރިސާތައް ދިމާވަމުންދާ ހާލަތެއްގައި ފާނައިގެ އާބާދީ އާއި ފާނަ ދިރިއުޅޭ މާޙައުލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ފާނަ މަސްވެރިކަން ކުރެވެމުންދަނީ ދެމެހެއްޓެނިވިގޮތެއްގައިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މައުލޫމާތު: މަސްވެރިކަމާ ބެހޭ ވުޒާރާ