ލިޔުނީ: މަރްޔަމް ނަޘީމާ

ބަނާނާ ޕީނަޓް ބަޓަރ ޕުޑިން

މިހަފްތާގެ "ހަލި ސުފުރާ" ގައި ތިޔައެންމެހާ ކިޔުންތެރިންނަށް މިގެނެސްދެނީ " ބަނާނާ ޕީނަޓް ބަޓަރ ޕުޑިން" ތައްޔާރު ކުރާނެގޮތުގެ ރަހަފަތެވެ. މިއީ ސިއްހަތަށް ފައިދާހުރި، ކުޑަ ވަގުތުކޮޅެއްތެރޭ ތައްޔާރުކޮށްލެވޭނެ ތަފާތު މީރު ޕުޑިންއެކެވެ.

ބޭނުންވާނެ ތަކެތި

4 ޕާން ފޮތި

1 ސައިސަމްސާ ވެނީލާ އެސެންސް

3/1 ޖޯޑު ފުލްކުރީމް މިލްކް

2 ބިސް

4/1 ސައިސަމްސާ ލޮނު

4/1 ޖޯޑު ސުމޫތު ޕީނަޓް ބަޓަރ

1 މޭޒުމަތީ ސަމްސާ މާމުތް

ރަނގަޅަށް ދޮންވެފައިވާ 2 ވައް ދޮންކެޔޮ

ކުޑަ ތެޔޮކޮޅެއް

1 މޭޒުމަތީ ސަމްސާ ބުރައުން ޝުގަރ

ތައްޔާރު ކުރާނެގޮތް

1. ޕާން ޕޮތިތައް އެއް އިންޗި ސައިޒަށް ވީދާލުމަށްފަހު ބަހައްޓާށެވެ.

އެއަށްފަހު ބިސް، ވެނީލާ އެސެންސް، ކިރު އަދި ލޮނު ބޮޑު ތައްޓެއްގައި ރަނގަޅަށް ގިރާލާށެވެ.

2. ޕީނަޓްބަޓަރ އަދި މާމުތް މެލްޓުކޮށްލުމަށް މައިކުރޯވޭވްއަށް ލުމަށްފަހު 10-3 ސިކުންތު ޖައްސާލާށެވެ.

3. މެލްޓުކުރި ޕީނަޓްބަޓަރ އަދި މާމުތް ކުރިން ތައްޔާރުކޮށްލެވުނު މިކުސްޗަރ (ބިސް، ވެނީލާ އެސެންސް، ކިރު އަދި ލޮނު) އާ ރަނގަޅަށް އެއްކޮށްލާށެވެ.

4. ކުދިކުރެވިފައިވާ ޕާންތައް ތައްޔާރުކުރެވުނު މިކުސްޗަރއާ އެއްކޮށްލުމަށްފަހު ރަނގަޅަށް ތެއްކޮށްލާށެވެ. އަދި 2 ވައް ދޮންކެޔޮ ތުނި ފޮތިކޮށް ކޮށުމަށްފަހު، މިކުސްޗަރއާ އެއްކޮށްލާށެވެ. ރެމްކިން ނުވަތަ އަވަނަށް ލެވޭކަހަލަ ތަށީގެ އެތެރޭގައި ރަނގަޅަށް ތެޔޮ އުގުޅާލާށެވެ.

5. ތައްޔާރުކުރެވުނު ޕުޑިން މިކްސްޗަރ ރެމްކިން ނުވަތަ އަވަނަށް ލެވޭކަހަލަ ތައްޓަކަށް އެޅުމަށްފަހު ފުޑްރެޕް އަޅާ މަތި ބަންދުކޮށްލާށެވެ. އެއަށްފަހު މަދުވެގެން 4 ގަޑިއިރުވަންދެން ފުރިޖްގައި ބަހައްޓާށެވެ.

6. 200 ޑިގްރީ ސެލްސިއަސްއަށް އަވަން ޕުރި-ހީޓް ކޮށްލާށެވެ. ފުރިޖްގައި ބެހެއްޓި ޕުޑިން މިކްސްޗަރގެ މައްޗަށް ބުރައުން ޝުގަރ އެޅުމަށްފަހު 20 މިނެޓް ވަންދެން އަވަނުގައި ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން ޕުޑިންގެ މައްޗަށް ރަންކުލަ އަރާ ޕުޑިން ރަނގަޅަށް ފުފިލާނެއެވެ.

ލޯ ފެޓް ވެނީލާ ޔޯގަޓާއިއެކު ފަރިއްކުޅުވަން ވަރަށް ކަމުދާނެއެވެ. ދެންނެވިފައިވާ އަދަދުން ދެ މީހަކަށް ފަރިއްކުޅުވޭނެއެވެ.