ކ. ހުވަފެންފުށި ރިސޯޓުގެ ދެކުނުން ހިއްކާފައި އޮތް ފިނޮޅަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީ ހަނދާން، ތަސްލީމް މުހައްމަދު (43އ) ހޯދުމަށް ފިނޮޅު ވަށައިގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި އެމްއެންޑީއެފުން ބުނެފައިވަނީ ތަސްލީމު ހޯދުމުގެ މަސައްކަތުން މިހާތަނަށް އެ ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ބަލާފައިވާ ކަމަށްވެސް ސިފައިން ބުންޏެވެ.

ތަސްލީމް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ، ހުކުރު ދުވަހުއެވެ. އޭނާ އެންމެފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10 އަކާއި 11 އާ ދެމެދުކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުންނާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި/ ހުކުރު) ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅައި ހިއްސާކުރަން އެދިފައެވެ.