އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފިއެވެ.

މި ޚަޠީބުންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީއިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. މޫސާ އަންވަރުގެ އިތުުރުން ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު އިލްޔާސް ހުސައިނެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އަމާޒަކީ މި ދައުރުތެރޭގައި 1000 ޒުވާން ޚަޠީބުން މުޖްތަމަޢަށް ނެރުންކަމަށާއި އެގޮތުން މިހާތަނަށް ހިންގި 2 ޕްރޮގްރާމުން 300އަށްވުރެ ގިނަ ޚަޠީބުންވަނީ ތަމްރީންކޮށްފައިވާ ކަމަށެވެ. އަދި މިޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި، މިޕްރޮގްރާމުން ސަނަދު ހާސިލްކުރާ ޚަޠީބުން މުޖްތަމައުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރުގެ ވާހަކަފުޅުގައި މިޕްރޮގްރާމް ނިންމާ ޚަޠީބުން އެހެން ދާއިރާއެއް ހިޔާރުކުރިނަމަވެސް މިކަން ދޫކޮށްނުލާ ކުރިއަށްދިއުމަށާއި، ޚަޠީބުކަމުގެ ސަނަދު އޮތުމަކީ ޝަހްސިއްޔަތަށް އިތުރުވެގެންދާ އިތުރު ސިފައެއް ނުވަތަ މުއްސަނދިކަމެއްކަމަށް ވިދާޅުވުވެ ސަނަދު ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމައު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގަތެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމަވާފައިވާ ކަން ވެސް ވަޒީރު ވަނީ މިއަދު އިޢުލާން ކުރައްވާފައެވެ.

މިޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ހާއްސަ ތަމްރީނުތައް ވަނީ ދީފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.