ދުނިޔޭގެ މަރުކަޒީ ބޭންކުތައް ހިންގަމުންދާ އަންހެނުންގެ އަދަދު ރެކޯޑު އަދަދަކަށް އަރައިފިއެވެ.
ނަމަވެސް، އަންހެން ވެރިންގެ ނިސްބަތް އަދިވެސް ވަނީ ހަމަހަމަކަމާ ވަރަށް ދުރުގައިއެވެ.
އޮފިޝަލް މަނިޓަރީ އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް ފޯރަމް (އޯއެމްއެފްއައިއެފް) ގެ ރިޕޯޓެއްގައި ބުނާ ގޮތުގައި، އަންހެން ގަވަރުނަރުންގެ އަދަދު މިއަހަރު 29 އަށް އިތުރުވެފައިވެއެވެ. މިއީ 2022 ގައި މި އަދަދު ހުރި 23 އާ އަޅާބަލާއިރު އިތުރުވުމެކެވެ. މި އިތުރުވުމާއެކުވެސް، ދުނިޔޭގެ 185 މަރުކަޒީ ބޭންކުގެ ވެރިކަމުގައި އަންހެނުން ތިބީ އަދިވެސް 16 އިންސައްތައިގައިކަމަށް އެ ރިޕޯޓުގައި ފާހަކޮއްފައިވެއެވެ.
މި ކުރިއެރުންތައް ފެނިފައި މިވަނީ ބޮސްނިއާ އަދި ހަރޒެގޮވީނާގައި ޖަސްމީނާ ސެލިމޮވިޗް މަޤާމާ ހަވާލުވުމާއި، ޕަޕުއާ ނިއު ގިނީގައި އެލިޒަބަތު ޖެނިއާއަށް ޕްރޮމޯޝަން ލިބުން ފަދަ ފަހުގެ އައްޔަންކުރުންތަކުގެ ސަބަބުންނެވެ. މިއީ ކުދި އިޤްތިޞާދުތަކުގައި އަންނަމުންދާ ކުރިއެރުން ފާހަގަކޮށްދޭ ކަމެއްކެވެ. ނަމަވެސް، އޯއެމްއެފްއައިއެފްގެ ދިރާސާއިން ދައްކާގޮތުގައި މަރުކަޒީ ބޭންކުތަކުގެ އެންމެ މަތީ ފަންތީގައި ޖިންސުގެ ހަމަހަމަކަން ހޯދުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
އިންޓަރނޭޝަނަލް މޮނިޓެރީ ފަންޑް (އައިއެމްއެފް) ގެ ދިރާސާތަކުން ދައްކާގޮތުގައި އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އިޤްތިޞާދީ އަދި މާލީ ހަރުދަނާކަން އިތުރުވާނެ ކަމެކެވެ. ނަމަވެސް، 2023 ވަނަ އަހަރު އައިއެމްއެފްއިން ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ) ފަދަ ބޮޑެތި މުއައްސަސާތަކުގައި ކުރި ސާވޭއަކުން ދައްކާގޮތުގައި މުވައްޒަފުންގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަންހެނުން ކަމުގައިވީނަމަވެސް، އިކޮނޮމިސްޓް ނުވަތަ މެނޭޖަރުންގެ މަޤާމުތަކުގައި ތިބެނީ އެންމެ ތިންބައިކުޅައެއްބައި އަންހެނުންނެވެ.
އީސީބީގެ އެގްޒެކެޓިވް ބޯޑު މެންބަރު އިސަބެލް ޝްނާބެލް ވަނީ މި ކަމަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކޮށް، އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ހުރި ތަފާތުތައް ނައްތާލުމަށްޓަކައި މެންޓަރޝިޕް އަދި ކުޑަކުދިން ބެލެހެއްޓުމުގެ އިންތިޒާމުތައް ރަނގަޅުކުރުމަށް ގޮވާލައްވާފައެވެ.
ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވީނަމަވެސް، ސެންޓްރަލް ބޭންކުތަކުގެ ލީޑަރޝިޕް އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންނަށް ދަތިތައް ދިމާވަމުންދެއެވެ.
އޯއެމްއެފްއައިއެފްގެ 2024 ވަނަ އަހަރުގެ ޖެންޑަރ ބެލެންސް އިންޑެކްސްގައި ވާގޮތުން، ކެމްބޯޑިއާ، ޖޯޖިއާ، މޮލްޑޯވާ އަދި މޮންޓެނީގްރޯ އިން ވެސް ވޭތުވެދިޔަ އަހަރު އެ ޤައުމުތަކުގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އިސް މަޤާމުތަކަށް އަންހެނުން ޢައްޔަންކޮށްފައިވެއެވެ.