ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ވެވޭ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (ޕީޓީއޭ)ގެ ދަށުން ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ 38 ބާވަތަކުން ޑިއުޓީ އެއްކޮށް ކަނޑާލުމަށް ހުށަހެޅިފައިވާ ކަމަށް ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީވިލާތަށް މިދިޔަ އަހަރު ފަހުކޮޅު ކުރެއްވި ރަސްމީ ދަތުރުފުޅުގައިވަނީ ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ދެ ޤައުމު ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖެއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ)ގައި ސޮއިކުރުމުގެ މަޝްވަރާތައް މި އަހަރުގެ މާރިޗު މަހު ވަނީ ފަށާފައެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 214 ބާވަތެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 38 ބާވަތަކަށް ޑިއުޓީ އެއްކޮށް ކަނޑާލުމަށާއި ބާކީ ބާވަތްތަކަށް ޑިއުޓީ ކުޑަކުރުމަށް ހުއްދަ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޑިއުޓީ އެއްކޮށް ކަނޑާލުމަށް ހުށަހެޅި ބާވަތްތަކަކީ ރާއްޖެއިން ޚާއްސަ އިސްކަމެއްދިން އަދި ކުރިން ޑިއުޓީ އުނިކުރެވިފައިނުވާ ބާވަތްތަކެވެ. މީގެ ތެރޭގައި ކަޅުބިލަމަސް، ރީނދޫ އުރަހަ ކަންނެލި، ލޯބޮޑު ކަންނެލި އަދި ހިކިމަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައެއް ޤައުމުތަކުގެ ބޯޓުތަކުން ދާ އަޅައިގެން ބާނާ މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ތުރުކީގައި ހިންގާއިރު، މިބާވަތްތައް ޔޫރަޕް ސަރަހައްދުގެ ޤައުމުތަކަށް ބޭރުކުރުމުގައި ޓެރިފް ކަނޑާލުމާއި ދެކޮޅު ގިނަ ބަޔަކު ތިބިކަން ފާހަގަކުރެއްވިއެވެ. އަދި ތުރުކީގައިވެސް އެފަދަ ފަރާތްތަކެއް ތިބިއިރު މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ނިމުމަކަށް ގެނެވިފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށް ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ޑިސެންބަރު މަހު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.