ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސްވެރިޔާ ކަމަށް ފުލުހުން ތުހުމަތު ކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ހެކިބަހެއް ނުލިބުނެވެ.

ދެ ފަހަރެއްގެ މަތިން ވަނީ އޭނަ އާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފަ އެވެ. ޖުމްލަ 30 ވަރަކަށް މީހުންގެ ހެކިބަސް ނަގާފައިވާއިރު، އެ އޮޕަރޭޝަންގައި ފުލުހުން ހޯދި މަސްތުވާތަކެއްޗާ އަރުޝަދާ އެއްވެސް ގުޅުމެއް އޮތް ކަމަށް ހެކީން ނުބުނެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަނެއްކާވެސް އޭނާ ބަންދުން ދޫކޮށްލާފަ އެވެ. މީގެކުރިން ވެސް އޭނާ ބަންދުން ދޫކޮށްލި އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އޭނާ ހައްޔަރު ކުރަން އަމުރުކޮށްފަ އެވެ. އަދި އެ އަމުރަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރި އެވެ.

އަރުޝަދުގެ އިތުރުން، އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު، 23، އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް ،25، އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު ،50، އާއި ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން ،25، އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް ،25، އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް، 37، އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު، 32،ގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަދި ނުނިމެއެވެ.