ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން މިއަދު އިފްތިތާހުކޮށްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އދ. ގެ ކުޑަކުދިނާއި ބެހޭ ޖަމިއްޔާ (ޔުނިސެފް މޯލްޑިވްސް) އާއި ގުޅިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި އެކު ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

މި ޤައުމީ އޮނިގަނޑު އިފްތިތާހުކޮށް، އަމަލީގޮތުން މަސައްކަތްކުރުވެން ފެށުން ވެގެންދާނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ "ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެކްޓް އެންޑް ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުޢާހަދާއަށް އަމަލުކުރުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށެވެ. އަދި ޔުނިސެފް މޯލްޑިވްސްއާ އެކީގައި އިޖުތިމާޢީ އަދި ޢާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިދޭނެވެސްމެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންދާ މިފަދަ މުހިންމު މަސައްކަތްތަކީ އޭގެ ސަބަބުން ކުޑަކުދިންނަށް ތަޢުލީމު ހާސިލްކުރުމާއި، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމާއި، އެކުދިންނާއި ގުޅުންހުރި ކަންކަމާއި އަދި އެކުދިންގެ މުސްތަޤުބަލާއި މެދުގައި އެކުދިންގެ ޝުޢޫރުތައް ހިމެނޭހެން މަސައްކަތްތައް ބައްޓަންކުރުމަށް ލިބޭ އިތުރު ބާރެކެވެ. އެއްވެސް ކުއްޖަކު ބާކީ ނުވާނެފަދައިން އެކުދިންގެ މި ޙައްޤުތައް ރައްކާތެރިކޮށް، އެކަންކަމަށް ވަކާލާތުކޮށް، އެކުދިންގެ ލާބައަށް އިސްކަންދޭ މުޖުތަމަޢެއް ބައްޓަންކުރުމަކީ އިޖުތިމާޢީ އަދި ޢާއިލީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް އިން ހިއްސާވާ، އަދި އެކަމަށްޓަކާ މެދުނުކެނޑި މަސައްކަތްކުރަމުންދާ އަޒުމެވެ.