ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގައި ރޭ މެންދަމު ރޭސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން ޒުވާނާ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަކީ މިއަދު ހުޅުމާލޭގައި އޮތް މެރަތަންގައި ދުވުމަށްވެސް ތައްޔާރުވި ޒުވާނެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސަމާހު ނިޔާވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ރޭސް ކާރު ދުއްވަން އިން މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރޭސް ކާރަކުން ޖެހި ޒުވާނަކު ނިޔާވެފައި މިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭސް ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ސައިކަލެއްގައި ޖެހި ސައިކަލުގައި އިން މީހަހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުތާ މަހެއްހައި ދުވަސް ވެފައި ވަނިކޮށެވެ.

ހުޅާލޭގައި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ރޭސް ކާރުތައް މަގުތަކުުގައި ބާރު ސްޕީޑުގައި ދުއްވައި، ރޭސް ޖެހުމަކީ އާންމު ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.