ހުކުރު ދުވަހުގެ ފަތިހު ހުޅުމާލޭގައި ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި ހާދިސާ އާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ވިސާމް ސިދުގީ (26އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން އެނާ ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ގޮތަކަށް އުޅަނދު ދުއްވުމާއި އަދި މީހަކު މަރާލުމުގެ ތުހުމަތުގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރަށް ހާމަކޮށްފައިވަނީ ވިޝާމްގެ އަތުގައި ސައްހަ ޑްރައިވިންގ ލައިސަންސެއް ނެތްކަމަށެވެ.

މީގެއިތުރުން މި ހާދިސާގައި، އެވަގުތު ސައިކަލެއްގައި ދަތުރުކުރި އުމުރުން 23 އަހަރުގެ ހަސަން ސަމާހަށް އެކްސިޑެންޓްގެ ސަބަބުން ހާނިއްކަވުމުން އިތުރު ފަރުވާ އަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

މި ހާދިސާ އާ ގުޅިގެން މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކަނޑައެޅިފައިވާ ލިމިޓަށް ވުރެ ބާރަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.