ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅު ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަވަނީ ބޮޑުވެފައެވެ. އެކަމުގައި ގިނައިން ބިދޭސީން ހަރަކާތްތެރިވާއިރު ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީތަކުގައި މިފަދަ ސްކޭމްތައް ހިންގާ މިންވަރުވަނީ އިތުރުވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ގިނައިން ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.