ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ސީއެޗްއެސްއީ ހުޅުމާލެ ގޮފީގައި މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމުގައި ދަރިވަރުންގެ ޒިންމާއާއި ހިއްސާ އަކީ ކޮބައިކަން ކިޔައިދީފައިވާ ކަމަށެވެ.

އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖެ އާއި އެހެނިހެން ގައުމުތަކުގައި އޮތް ހާލަތާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިގްތިސާދާ ގުޅިފައިވާ މިންވަރާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ޓްރެފިކް ޕޮލިސް، އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގެ 521 ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމުތައް ފުލުހުން ދަނީ ހިންގަމުންނެވެ.