އިންޑިޔާ އާއި ދިވެހިރާއްޖެ ދިފާޢީ މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އިންޑިޔާ ކަނޑުގެ ސަލާމަތީ ހާލަތާއި ހިނގަމުންދާ ދިފާޢީ މަޝްރޫޢުތައް އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރިއެވެ.

ދިއްލީގައި ބޭއްވުނު މި ބައްދަލުވުމަކީ އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ގާތްގަނޑަކަށް އެއް މަސްދުވަސް ފަހުންނެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވުނު ފުރަތަމަ މަތީ ފެންވަރުގެ ބައްދަލުވުމެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި އިންޑިޔާގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޤައުމުގެ ދިފާޢީ ސެކްރެޓަރީ ގިރިދަރު އަރަމާނެއެވެ.އިންޑިޔާގެ ދިފާޢީ ވުޒާރާއިން މި މަޝްވަރާތައް ސިފަކޮށްފައިވަނީ "އުފެއްދުންތެރި" މަޝްވަރާތަކެއް ކަމަށެވެ. އަދި މި މަޝްވަރާތަކުން އިންޑިޔާ ކަނޑު ސަރަޙައްދުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްޙަ ޤާއިމުކުރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ދެ ޤައުމުގެ މެދުގައި ބޭއްވުނު ފަސްވަނަ ބުރުގެ ދިފާޢީ މަޝްވަރާތަކެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތެއް ކަމަށްވެސް އިންޑިޔާގެ ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އިންޑިޔާގެ އަސްކަރިއްޔާގެ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް މުއިއްޒު ގޮވާލެއްވުމުން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ހީނަރުވެފައިވީ ނަމަވެސް، މި މަޝްވަރާތަކުގައި ދެ ފަރާތުންވެސް އަހައްމިއްޔަތުކަން ދީފައިވަނީ ހިނގަމުންދާ ދިފާޢީ މަޝްރޫޢުތައް ތަންފީޒުކުރުމަށެވެ. މީގެ އިތުރުން މަތީ ފެންވަރުގެ ބައްދަލުވުންތަކާއި ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އަދި ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ޤައުމުގެ މެދުގައި ބާއްވާ މިލިޓަރީ އެކްސަސައިޒްތަކުގައި ބައިވެރިވުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިއީ ފަހަކަށް އައިސް ދިމާވެފައިވާ ގޮންޖެހުންތަކާ އެކުވެސް ދިފާޢީ ދާއިރާއިން އެއްބާރުލުން ދެމެހެއްޓުމަށް ދެ ޤައުމުން ގަސްތުކުރާކަން ދައްކުވައިދޭ ކަމެކެވެ.